








Maariyaa
މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ބުރަ ބޮޑުވީ ރައްޔިތުންގެ ޖީބަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ލ.ގަމުގައި ކުރިއަށްދިޔަ ވިއަވެތި ރާއްޖެ ކޮންފަރެންސަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށްފަހު ދިފާއީ ބާރުގެ މަސައްކަތްތައް އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޕާސަނަލް ސެކިއުރިޓީންގެ ގޮތުގައި ކޮންމެ ބޭފުޅެއްގެ އަރިހުގައި ތިބޭ މީހުން ވެސް ގިނަވެފައިވާ ކަމަށެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ފަދަ ހަމަލާތަކުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ ޚަރަދު އިތުރުވެގެންދާ ކަމަށެވެ. އަދި ދައުލަތުގެ އިސް މުއައްސަސާތަކުގެ އިސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ މަސައްކަތް ވެސް އެފަދަ ހަމަލާތަކުގެ ސަބަބުން އިތުރުވެގެންދާކަމަށެވެ.
"އެކަހަލަ ކަމެއް ހިނގީމަ ރައްޔިތުންގެ ޖީބަށްދާ ބުރަވެސް ބޮޑު. އެއީ ކަމެއް ހިނގީމަ އަޅުގަނޑުމެންގެ މީހުންގެ ކައިރީގައި ތިބޭ ޕީއެސްއުން ވެސް އިތުރުވޭ އެބަ. ފިކުރެއް މިއީ. އެ ދިމާލަށް ދާކަން އެންމެ ބޮޑަށް އެނގޭނީ ކައިރީގައި ތިބޭ އިރު. ޕުލް ފެކްޓަސް އަކީ ކޮބައިކަން ދެނެގަނެ، ދީނުގައި އޮންނަ ރަނގަޅު ގޮތް ބުނެދޭން އެބަ ޖެހޭ. އިސްލާމް ދީނަކީ ޕީސްފުލް ދީނެއް." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ހަރުކަށި ފިކުރުގެ މައްސަލަ އަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ސީރިއަސް އެއް މައްސަލަަ ކަމަށާއި އެފަދަ އަމަލަކަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ހިސާބުން ފެށިގެން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުން މުހިއްމު ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެގޮތުން އެފަދަ މީހުންނަށް ދީނީ ގޮތުންނާއި އެހެން ގޮތްގޮތުން ދޭން ޖެހޭ ރަނގަޅު މައުލޫމަތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.







