








-
ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި މުހިންމު ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ސޮއިކޮށްފިއެވެ.
ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲއެވެ.
މި ފޯރަމަކީ ބައިނަލްއަޤްވާމީ ބައިވެރިންގެ ތަޖުރިބާ ޙިއްޞާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރަމެކެވެ.
މެންބަރު ޤައުމުތަކުން ފާސްކޮށް ސޮއިކުރި މި ރިޒޮލިއުޝަންގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ:
އައިއައިސީއޭ އަކީ އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ޤައުމަކުން އިސްނަގައިގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު 23 ގައި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އުފެއްދި އިއްތިހާދެކެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި މުޖުތަމަޢުތަކުގެ އިޤްތިޞާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ޚާއްޞަ އިއްތިހާދެކެވެ.
މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ޤަވާޢިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ޤައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަޙުޤީޤުތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުޞޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަނެކެވެ. މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް މިހާރު ވަނީ ޤާނޫނީ ފުރިހަމަ ޙައިޘިއްޔަތު ލިބިގެން ގޮސްފައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ ޚާއްޞަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެކެވެ.








