



.jpg?w=3840&q=75)




ރަސްމާލޭ ބޮޑު މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް އެންޑް ޑިވެލޮޕިން ކުންފުނި - އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.
އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި އަދާ ކުރުމަށް ޕްރައިވެޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެގޮތުން ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެއީ މިވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުން ހުރި ކަމެއް ނޫނެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބޭން އަދި މަދުވެގެން ދެ އަހަރު ނަގާނެއެވެ.
އެހެންކަމުން މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ވިދާޅުވިއެވެ.




.jpg?w=3840&q=75)


