






%20(1).jpeg?w=3840&q=75)

ކުޑަކުދިންނަށް ކުރެވޭ ކުށްތަކާއި ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި، އެކަމުގައި ހިމެނޭ މުއައްސަސާތަކުގެ އެއްބާރުލުން އިތުރުކުރުމަށްޓަކައި 30 ބައިވެރިންނާއެކު އެއްދުވަހުގެ ޚާއްސަ ވޯކްޝޮޕެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިންތިޒާމުކޮށްގެން މިއަދު ބާއްވައިފިއެވެ.
"ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށް އެއްބާރުލުން އިތުރުކުރުން" މި ނަމުގައި ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް އޮތީ ޗަމްޕާ ސެންޓްރަލްގެ ދެވަނަ ފަންގިފިލާގައެވެ.
މި ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ޚިދުމަތް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވަނީ ބައިވެރިވވެފައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ކުޑަކުދިންނަށް ކުރެވޭ ކުށްތަކާ ގުޅިގެން ކުޑަކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެން ގޮތްގޮތުން ހައްލުކުރުމަށް ބާރުއަޅާ ޑައިވަރޝަންގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
މީގެ އިތުރުން، ޑައިވަރޝަންގެ އުސޫލުތަކާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ ދަށުން އެކަންކަން ހިނގާގޮތް ބައިވެރިންނަށް އޮޅުންފިލުވައިދެވުނެވެ. މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާއި، މައްސަލަތައް ހަވާލުކުރުމުގެ އުސޫލުތަކާ ބެހޭގޮތުން ވެސް ފުޅާކޮށް މަޝްވަރާކުރެވުނެވެ. ޑައިވަރޝަންގެ ނިޒާމުގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި، މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވައިލެވި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޑައިވަރޝަން ޕްލޭންގެ ނަމޫނާތައް ހުށަހެޅުނެވެ.

މި ވޯކްޝޮޕްގެ ސަބަބުން ކުޑަކުދިންގެ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާވެ، ކުޑަކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހާމަކުރެއްވިއެވެ.




