






ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރު ފެންވަރަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނެެސްފައިވަނީ މި ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާ ހަވާލާދީ ބައެއް މަސްދަރުތަކުގައި ވަނީ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކުރެއްވީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރު ފެންވަރުގައި އައްޔަން ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެމަނިކުފާނު މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގަތް ފަހުން، މި ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވަ އެވެ. އެހެންކަމުން ފަޔާޒަކީ މިވަގުތު ސީނިއާ މިނިސްޓަރު ފެންވަރުގައި ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.
ފަޔާޒު ޗީފް އޮފް ސްޓާފުގެ މަގާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރު އެވެ. އޭނާ ވަނީ ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ. 2020 ވަނަ އަހަރު އެ މަގާމުން ފަޔާޒު ވަނީ އިސްތިއުފާ ދެއްވާފައެވެ.






