








އެމްއެންޔޫ އާއި އައިޔޫއެމްއެސްޔޫ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށް އެމްއެންޔޫ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި އެމްއެންޔޫ ކުޅުނު ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާއަކުން މިއާންޒް އަތުން މޮޅުވެފައިވާއިރު، އައިޔޫއެމްއެސްޔޫގެ ފުރަތަމަ މެޗުގައި ޒިކުރާ އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 11-18 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެންޔޫ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 12-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އައިޔޫއެމްއެސްޔޫ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްއެންޔޫ އިން ވަނީ ދެ ސެޓް އެއްސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މިމެޗުގައި އެމްއެންޔޫގެ ފާއިގާ އަށް ޕޮއިންޓް ކާމިޔާބުކުރިއިރު، ޝިއުރާ ހަތް ޕޮއިންޓް އަދި ނާއިޝާ ވަނީ ހަ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި އެމްއެންޔޫގެ އަނާ ހަތަރު ޕޮއިންޓް، ސަޖްހަތް ދެ ޕޮއިންޓް އަދި ޒާރާ ވަނީ އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އައިޔޫއެމްއެސްޔޫގެ ޒާރާ ނުވަ ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ރިފާ އަދި ރަމްޒިއްޔާ މިއިން ކޮންމެ ވަނީ މިމެޗުގައި ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި އެޓީމުގެ މާޝާ ތިން ޕޮއިންޓް އަދި ލުންއާ ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ ފާއިގާ އަހުމަދު އަލީ އެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




