








ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ރައީސް ނަޝީދުއާއިއެކު :- ފޮޓޯ | ތިނަދޫ ކައުންސިލް
ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ ދިފާއުގައި އެންމެން ތެދުވަން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީ އޮޅުވައިލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، ތިނަދޫގައި މީހުން ދިރިއުޅޭ އަދަދަކީ ސަރުކާރުން ވެސް ބަލަހައްޓަމުންދާ ތަފާސްހިސާބެއް ކަމަށެވެ. އަދި ތިނަދޫ ސިޓީއަކަށް ބަދަލުކުރެވުނީ އެކަމަށް ބޭނުންވާ ޝަރުތުތައް ސަރުކާރުން ބެލުމަށްފަހު، ތިނަދޫގެ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވާދަވެރިން އަބަދުވެސް ގަބޫލުނުވާ، ނަމަވެސް ދިވެހި ރައްޔިތުން ވަރަށް ސާފުކޮށް ބަލައިގަނެފައިވާ ވެރިކަމުގެ ހަމައެއް ކަމަށާއި، މޭޔަރު ސައުދަކީ އެ ހަމައިގެ ބޮޑު ރަމްޒެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ނިންމެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރަކުންނެވެ. ލާމަރުކަޒީ ޤާނޫނުގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް އެ ރަށެއްގެ އާބާދީ މަދުވެގެން 10,000 އަށްވުރެ އިތުރުވާންޖެހޭއިރު، އެ ނިންމެވުން ނިންމެވިއިރު ތިނަދޫގެ އަސްލު އާބާދީއަކީ 8،000 ކަމަށް ބުނެ މި މައްސަލައިގައި ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ.








