


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)




-
ރިސޯޓްތަކަށް ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނުވަތަ ބޭންކުތަކަށް ވިއްކަން ނުވަތަ މާރުކުރަން މަޖުބޫރުކުރުމަކީ، އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޑޮލަރުގެ ދަތިކަމުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ބޮޑު އިންސައްތައެއް ދައުލަތަށް މާރުކުރަން މަޖުބޫރުކުރުމަކީ އިޤްތިޞާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިނަ ރިސޯޓްތަކަކީ ބޭރުގެ ބޭންކު ލޯނުތައް މެދުވެރިކޮށް ފައިނޭންސްކޮށްފައިވާ އިންވެސްޓްމަންޓްތަކަކަށް ވާތީ، އެ ތަންތަނަކީ ޑޮލަރުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަނެވެ.
އަދި ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވި މައިގަނޑު ސަބަބަކީ ވާދަވެރި ރަނގަޅު ފައިދާއެއް ލިބޭތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން އިންވެސްޓަރުންނަށް އޮތް މިފަދަ ހިތްވަރު ގެއްލުވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ދިގު މުއްދަތުގެ ހަމަޖެހުމަށާއި އިންވެސްޓަރުންގެ އިތުބާރަށް އެޅޭ ވަރަށް ނޭދެވޭ ހިޔަންޏެއް ކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)