
-
މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ގިނަ އަދަދެއްގެ މުހިންމު ހަރަކާތްތަކެއް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހު ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ. އެއަށްފަހު ހަމަ އެ ދުވަހުގެ ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
އަދި އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އާންމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް (މިލިޓަރީ ޑިސްޕްލޭ) ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދުވުން ބޭއްވުމަށް ވަނީ ރޭވިފައެވެ.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ ޚާއްޞަ ހަރަކާތްތަކެއް އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިފައިންގެ ފޮޓޯ މަޢުރަޒާއި، އަސްކަރީ ހުށަހެޅުމާއި، އަދި ކުޑަކުދިންގެ ހަވީރު ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.
ހއ. ދިއްދޫއަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ، އަލްމަރްޙޫމް ޢުމަރު އަޙްމަދުގެ އުފަން ރަށެވެ. އަދި ހއ. ބާރަށަކީ އެ ޢުދުވާނުގައި ޝަހީދުވި ހއ. ބާރަށް، ސޯސަން، އަލްމަރްޙޫމް އިބްރާހީމް ޙުސައިންގެ ރަށެވެ.
މި ޙަރަކާތްތައް ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ. އަދި ހއ. ބާރަށުގައި މި ޙަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު މަހުގެ 20 އަދި 21 ވަނަ ދުވަހުއެވެ.
















