
ޔުނައިޓެޑާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތާއި ވާދަކޮށް 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ހުރިހާ މުބާރާތެއްގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިކޮށްފައެވެ.
މެންޗެސްޓާ ިޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތުން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރަޔާން އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މާކަސް ޓަވާނިއާ އެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ކޮންޓްރޯލްކުރި ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެވަނިލްސަން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބޯންމައުތު ކުރީގައި އޮވެެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ބޯންމައުތައް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި ކުޅުނު އަށް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.












