
AMN_5176
(ގދ. ވާދޫ) – ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022ގެ ޗެމްޕިއަން ކަން ދަ ލެޖެންޑްސް އިން ހޯދައިފި އެވެ.
ގދ. ވާދޫ ފުޓްސަލް އެރީނާ ގައި މިރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ލެޖެންޑުން ކާމިޔާބުކުރީ 2-1 ނަތީޖާއަކުން ކުލަބް ޓީއެންޓީ ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 11ވަނަ މިނެޓުގައި މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ކުލަބް ޓީއެންޓީ އިންނެވެ. ޓީއެންޓީ އަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 6، އަހުނަފް ރަޝީދު އެވެ. ނަމަވެސް ލެޖެންޑްސް އިން ވަނީ 13ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 6، ހުސެއިން ޝަރީފް އެވެ.
ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް ވެސް އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި ލެޖެންޑްސް އިން ވަނީ އިތުރު ގޯލެއް ޖަހައި ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ނަގާފައެވެ. އެ ޓީމަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމަށް ފުރަތަމަ ގޯލް ވެސް ކާމިޔާބުކޮށްދިން ހުސެއިން ޝަރީފް (6) އެވެ. ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ރީނދޫ ކާޑު ދައްކާފައި ވަނީ ލެޖެންޑްސް ގެ ހުސެއިން ޝަރީފް (ޖ. ނަންބަރު 6) އާއި އިސްމައިލް ވަޖީހު (ޖ. ނަންބަރު 17) އަށެވެ އަދި ޓީއެންޓީގެ އަހުނަފް ރަޝީދު (ޖ. ނަންބަރު 2) އަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، މި މެޗުގައި ލެޖެންޑްސް އަށް ޖެހުނު 2 ގޯލްވެސް ކާމިޔާބުކޮށްދިން ހުސައިން ޝަރީފް (ޖ. ނަންބަރު 6) އެވެ.
ދަ ލެޖެންޑްސް ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައި ސެމީ ފައިނަލްގައި ގޫވަލް އެފްސީ ބަލިކޮށްގެންނެވެ. އަދި ކުލަބް ޓީއެންޓީ ފައިނަލުގެ ޖާގައެްއ ހޯދީ، ސެމީފައިނަލްގެ ޕްލޭއޮފް ކާމިޔާބުކޮށް ސެމީ ފައިނަލްގައި ސްކޯޕިއަންސް ބަލިކޮށްގެންނެވެ.
މި މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށްވެސް ވަނީ އިނާމު ދީފައެވެ.
މިއީ ކްލަބް ޓީއެންޓީއިން އިންތިޒާމްކުތި މި މުބާރާތުގެ ފަސްވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރ އަކަށް ސްޓެލްކޯ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރ އަކީ ގދ. ވާދޫ ކައުންސިލެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކެފޭ ބާވަންނަ އެވެ. އެކޮމޮޑޭޝަން ޕާޓްނަރުންނަކީ އަވަންޓީ ވާދޫއާއި ލަގޫނާ ރިޓްރީޓް އެވެ.
މުބާރާތުގެ ޕާޓްނަރުންނަކީ ޝެލްޓަރ ހޯލްޑިންގްސް އާއި އޭއޭއެޗް ކޮމްޕެނީ އެވެ. ސްޕޯޓް ޕާޓްނަރ އަކީ ސްޓްރައިކް ޒޯން އެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ މަޅި މޯލްޑިވްސް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރގެ ގޮތުގައި ކޮކަކޯލާ ހަމަޖައްސާފައިވާއިރު، ލޮޖިސްޓިކްސް ޕާޓްނަރ އަކީ ޖިއޯވޭވް އެވެ. ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ. އަދި އެސޯސިއޭޓް މީޑިއާ ޕާޓްނަރ އަކީ ދައުރު އެވެ.
















