








"އެލް ނީނޯ"ގެ ބާރު އިތުރަށް ގަދަވެ، ރާއްޖެއަށް ނުރައްކާވެދާނެކަމަށް ބަލާ، ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.
އެ އިދާރާ އިން ބުނީ ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުން އަންނަކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވާ، ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ހުރިހާ ދާއިރާތަކަކުން ވެސް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަތުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.
އެހެންކަމުން ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުމަށާއި ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖައާކުރުމަށް ވަނީ އެދިފައެވެ. އަދި މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައި ވެއެވެ.
މިކަމާގުޅިގެން ޔޫއެންގެ އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) އިން ވަނީ ފެންބޮޑުވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެ، އެހެން ނުރައްކާތައް ކުރިމަތިވެދާނެ ކަމަށާއި ބިންގަނޑު ކަނޑައިގެން ދިއުމާއި، ގިރުމާއި، އިންފްރާސްޓްރަކްޗާ ހަލާކުވެ، ނަޖިސް ފެންބޭރުވެ، ނުރައްކާތެރި ބަލިތައް އިތުރުވެ ފެތުރުން އެކަށީގެންވާކަން ހާމަކޮށްފައެވެ. އަދި ދަތުރުފަތުރާއި ދިރިއުޅުމަށް ބުރޫ އެރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކުރިއަށްއޮތް ތިން މަސް ދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. އަދި މުޅި ރާއްޖޭގެ ހޫނުމިން ވެސް އާއްމުކޮށް ހުންނާނީ އާއްމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަމަށް ލަފާކޮށްފައި ވެއެވެ.
މި ދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިރުޝާދުދީފައެވެ.







.jpg?w=3840&q=75)
%20(1).jpg?w=3840&q=75)