








ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން 3.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެންމެ ގިނައީ އިގްތިސާދީ ދާއިރާއަށް ކުރި ހަރަދު ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އޭގެތެރެއިން އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 3.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވަނީ 5.4 ބިލިޔަން ރުފިޔާއެވެ.ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ވަނީ އެކި ދާއިރާތަކަށް ބަހާލާ، ވަކިވަކި ދާއިރާތަކުން ވަނީ ކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވާ އިޤްތިޞާދީ ދާއިރާއިން 1.6 ބިލިޔަނަށް ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އިޤްތިޞާދީ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެއީ 1.3 ބިލިޔަން ރުފިޔާއެވެ. އެ ދާއިރާ އިން 646.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި މި ދާއިރާއިން ޚަރަދު ކޮށްފައިވަނީ، 355.4 މިލިޔަން ރުފިޔާއެވެ.
މިދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. މި ބަޔަށް 641.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.








