








GMG_8120
(ގދ. ވާދޫ) - ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022ގައި މިރޭ ކުޅުނު ސެމީ ފައިނަލް ގެ ފުރަތަމަ މެޗު ލެޖެންޑްސް އިން ކާމިޔާބުކޮށްފި އެވެ.
ގޫވަލް އެފްސީ އާއި ދަ ލެޖެންޑްސް ބައްދަލުކުރި މި މެޗު ލެޖެންޑްސް އިން ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތުމާއެކު މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަަހައިގެންނެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަނި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. ދެ ޓީމުންވެސް އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބުކުރެވުނީ ގޫވަލް އެފްސީ އަށް އެކަންޏެވެ. ފުރަތަމަ ހާފުގެ 20ވަނަ މިނެޓުގައި ގޫވަލް އަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 17، ނަސީފް ހަސަން ސައީދު އެވެ.
ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ގޫވަލް އެފްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. ދެވަނަ ހާފުގެ 4ވަނަ މިނެޓުގައި ދަ ލެޖެންޑްސްގެ ޖާޒީ ނަންބަރު 17، އިސްމައިލް ވަޖީހު އިދިކޮޅު ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ދެވަނަ ހާފުގެ 12ވަނަ މިނެޓުގައި ގޫވަލް އެފްސީން ކުރި ފައުލަކާއި ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި ގޫވަލް އެފްސީގެ ޖާޒީ ނަންބަރު 9، އަލީ ހާފިޒް އާއި ދަ ލެޖެންޑްސްގެ ޖާޒީ ނަންބަރު 10، އަޔާޒް އަހުމަދު އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ހުއްޓާ ލެޖެންޑްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 17، އިސްމައިލް ވަޖީހު އެވެ.
މިނަތީޖާއާއެކު ލެޖެންޑްސް މިވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ވާދޫ ފުޓްސަލް އެރީނާގައެވެ.
މި މުބާރާތުގައި ކުޅުނު ފޯރިގަދަ މި މެޗު ޓީއެންޓީ ފުޓްސަލް ޗެލެންޖު ފޭސްބުކް ޕޭޖުން ލައިވްކޮށްފައިވާއިރު، 600 އަށްވުރެ ގިނަމީހުން ވަނީ މި މެޗު ވަގުތުން ބަލާފައެވެ. 300އެއްހާ ސަޕޯޓަރުންނާއި ކުޅިބެލުންތެރިން ވެސް ވަނީ ދަނޑަށް ހާޒިރުވެ މެޗުބަލާފައެވެ.
މިއީ ކްލަބް ޓީއެންޓީއިން އިންތިޒާމްކުރާ މި މުބާރާތުގެ ފަސްވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރ އަކަށް ސްޓެލްކޯ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރ އަކީ ގދ. ވާދޫ ކައުންސިލެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކެފޭ ބާވަންނަ އެވެ. އެކޮމޮޑޭޝަން ޕާޓްނަރުންނަކީ އަވަންޓީ ވާދޫއާއި ލަގޫނާ ރިޓްރީޓް އެވެ.
މުބާރާތުގެ ޕާޓްނަރުންނަކީ ޝެލްޓަރ ހޯލްޑިންގްސް އާއި އޭއޭއެޗް ކޮމްޕެނީ އެވެ. ސްޕޯޓް ޕާޓްނަރ އަކީ ސްޓްރައިކް ޒޯން އެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ މަޅި މޯލްޑިވްސް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރގެ ގޮތުގައި ކޮކަކޯލާ ހަމަޖައްސާފައިވާއިރު، ލޮޖިސްޓިކްސް ޕާޓްނަރ އަކީ ޖިއޯވޭވް އެވެ. ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ. އަދި އެސޯސިއޭޓް މީޑިއާ ޕާޓްނަރ އަކީ ދައުރު އެވެ.








