








18 އަހަރަށްފަހު ކޯޓުތައް ހިންގުމަށް އައު ޤަވާޢިދެއް ވުޖޫދުވުމަކީ އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގައި ބޭއްވި މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާޢިދަށް ފަނޑިޔާރުންނާއި މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ 2008 ވަނަ އަހަރު ޢަމަލުކުރަންފެށި ފެހި ޤާނޫނުއަސާސީއާއެކު އޭރުގެ ޖަސްޓިސް މިނިސްޓްރީ އުވިދިޔުމާ ގުޅިގެން، މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު ބާޠިލުވެ، ފާއިތުވި ދިގު މުއްދަތުގައި އެ ކޯޓުތައް ހިންގަމުން އައީ ކޯޓުތަކަށް ލިބިދޭ ޠަބީޢީ އަދި ވިރާސީ ބާރުގެ ތެރެއިންކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މެޖިސްޓްރޭޓުންގެ އިސްނެންގެވުމާއެކު އެކުލަވާލައި ސުޕްރީމް ކޯޓަށް ހުށަހެޅުނު މި ޤަވާޢިދަކީ އެ ހުސްކަމަށް ގެނެވުނު ދާއިމީ އަދި ހަރުދަނާ ޙައްލެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ މަހުން ފެށިގެން މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު، އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިންސާފުވެރިކަމާއި، ހަލުވިކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ދެއްވުމަށް ހުރިހާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.
އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، އައު ޤަވާޢިދުގެ ސަބަބުން ޝަރުޢީ ނިޒާމަށް އަންނާނެ މުހިންމު އިޞްލާޙުތަކުގެ ތެރޭގައި:
ރަޖިސްޓްރާރުގެ މަޤާމު އުފެއްދުން: މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ތަޢާރަފްކުރެވޭ ރަޖިސްޓްރާރުގެ މަޤާމުގެ ސަބަބުން، މައްސަލަތައް އިބްތިދާއީ މަރުޙަލާގައި ދިރާސާކޮށް ބެލެހެއްޓުމަށް މަގުފަހިވެ، ފަނޑިޔާރުންނާއި އިދާރީ އިސްވެރިންނަށް އެބޭފުޅުންގެ އަސާސީ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.ޚިދުމަތްތަކުގެ ފެންވަރު އެއްހަމަކުރުން: ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކޯޓުތަކުން މައްސަލަ ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގެ އިޖުރާއާތުތަކާއި، އިދާރީ ފީ ނެގުމުގައި ގެންގުޅުނު ތަފާތުތައް ނިމުމަކަށް ގެނެވި، މުޅި ރާއްޖެއަށް އެއް އުޞޫލަކުން، ހަމަހަމަކަމާއެކު އަވަސް ޚިދުމަތެއް ލިބިގެންދާނެއެވެ.އިދާރީ ހިންގުން ހަރުދަނާކުރުން: ޖުޑީޝަލް ދާއިރާގެ ޢާންމު މަޖިލީހާއި އަހަރީ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެހި، މުވައްޒަފުންގެ އަގުވަޒަންކުރުމަށާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެއެވެ.މީގެއިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް މައްސަލަ ހުށަހެޅުމާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ އުޞޫލުތަކާއި، ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލުވުމުގެ ހަމަތަކުގެ އިތުރުން، ކައިވެންޏާއި ވަރީގެ މައްސަލަތައް އަދި ޚަރަދުގެ މައްސަލަތައް ހިންގާނެ ހަރުދަނާ އުޞޫލުތައްވެސް މި ޤަވާޢިދުގައި ވަނީ އެކަށައަޅާފައެވެ.
މި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ 14 ތަމްރީނު ސެޝަނެއްގައި ޖުމްލަ 1,100 އަށްވުރެ ގިނަ ފަނޑިޔާރުންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، މިއީ ޝަރުޢީ ދާއިރާގައި ހުރިހާ ފަންތިއެއްގެ މުވައްޒަފުން އެއްފަހަރާ ބައިވެރިކޮށްގެން ހިންގުނު އެންމެ ބޮޑު ތަމްރީނު ޕްރޮގްރާމެވެ.




