








ހާލަންޑް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ޕޯޓޯ 2-0 ގެ ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިން ހާލަންޑް އެވެ.
މިއީ އެޓިމުގެ އާޖެންޓީނާ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ސިޓީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް ހާލަންޑް އެވެ. މިއީ މިހާތަނަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު 59 މެޗުގައި އޭނާ ކާމިޔާބުކުރި 59 ވަނަ ލަނޑެވެ.
މީގެ އިތުރުން މިމެޗުގައި ހާލަންޑް ކާމިޔާބުކުރި ދެލަނޑާއެކު މެންޗެސްޓާ ސިޓީގެ ޖާޒީގައި ހުރިހާ މުބާރާތެއްގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު 167 އަށް އަރާފައިވާއިރު، މެންޗެސްޓާ ސިޓީގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައަށް ހާލަންޑް މި ވަނީ ކުރިއަށް ޖެހިލާފައެވެ.
މީގެ އިތުރުން ރޭގެ މެޗަކީ މިއަހަރުގެ މިހާތަނަށް ހުރިހާ މުބާރާތެެއްގައި ޕޯޓޯ އިމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި އިނގިރޭސި ޓީމުތަކާއި ދެކޮޅަށް އެޓީމުން މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން 11 މެޗުން ބަލިވެ ހަތަރު މެޗު އެއްވަރުވެފައިވާއިރު ޕޯޓޯ މިހާތަނަށް މޮޅުވެފައި ވަނީ ދެ މެޗުންނެވެ.




