








މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ރ. އިނގުރައިދޫ ކައުންސިލާ ދެމެދު، އެ ރަށުގެ ތިމާވެށްޓާ ގުޅުންހުރި މުހިންމު ކަންކަމާ ބެހޭގޮތުން މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިނގުރައިދޫގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި (ގޮނޑުދޮށް ހިމާޔަތްކުރުން)، އަދި އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން، ރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ތިމާވެށީގެ ދާއިރާއިން ހުރި އެހެނިހެން ކަންބޮޑުވުންތަކަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ.
މި މަޝްވަރާތަކުގައި މިނިސްޓްރީގެ ފަންނީ ޓީމުން ވަނީ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ފަންނީ މަޢުލޫމާތާއި އެންމެ ފަހުގެ އަދާހަމަތައް ހިއްސާކޮށްފައެވެ. އަދި މި މައްސަލަތައް ޙައްލުކުރުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތަފުސީލު ދެއްވައި، ކުރިއަށް އޮތްތަނުގައި ތަންފީޒުކުރެވިދާނެ ޙައްލުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައިދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.








