








GMG_9037
(ގދ. ވާދޫ) – ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022ގައި މިރޭ ކުޅުނު ސެމީ ފައިނަލް ގެ ދެވަނަ މެޗު ކުލަބް ޓީއެންޓީ އިން ކާމިޔާބުކޮށްފި އެވެ.
ސްކޯޕިއަންސް ސިޓީ އާ ދެކޮޅަށް ކުޅުނު މި މެޗެ ކުލަބް ޓީއެންޓީ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓީއެންޓީން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ހާފުގެ 4ވަނަ މިނެޓުގައި އާއި، 8ވަނަ މިނެޓޫގައި ޓީއެންޓީއަށް މި ގޯލްތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 10، އިބްރާހިމް ހަމްދާން އެވެ. ފުރަތަމަ ހާފުގެ 20ވަނަ މިނެޓުގައި ޓީއެންޓީގެ ޖާޒީ ނަންބަރު 9، ނަޝާހު އަހުމަދު އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާ އަށް ރަތް ކާޑެއް ދައްކާފައިވަނީ ރެފްރީ އާ ޒުވާބުކުރުމުންނެވެ.
ދެވަނަ ހާފުގައި ސްކޯޕިއަންސް އިން ވަނީ ގޯލެއް ކަމިޔާބު ކޮށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްލާފައެވެ. ދެވަނަ ހާފުގެ 15ވަނަ މިނެޓުގައި ސްކޯޕިއަންސް އަށް މިގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ގެ ޖާޒީ ނަންބަރު 30، އަބްދުﷲ އާހިލް އަލީ އެވެ. ދެވަނަ ހާފުގެ 9 ވަނަ މިނެޓުގައި ސްކޯޕިއަންސް ސިޓީގެ ޖާޒީ ނަންބަރު 10، އަލީ ޝިމާހު އަށް ވަނީ ރަތް ކާޑުދައްކާފައެވެ. އޭނާ އަށް ރަތް ކާޑު ދައްކާފައިވަނީ ބޯޅަ ނެތީސް އިދިކޮޅު ކުޅުންތެރިޔަކަށް ހަމަލާދިނުމާއި ގުޅިގެންނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކުލަބް ޓީއެންޓީގެ ޖާޒީ ނަންބަރު 10، އިބްރާހިމް ހަމްދާން އެވެ. ހަމްދާން ވަނީ މި މެޗުގައި އެޓީމަށް ޖެހުން ހަމައެކަނި ދެ ގޯލް ކާމިޔާބުކޮށްފައެވެ.
މިނަތީޖާއާއެކު ކުލަބް ޓީއެންޓީ މިވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ވާދޫ ފުޓްސަލް އެރީނާގައެވެ.
ފައިނަލުގައި ބައްދަލުކުރާނީ ކުލަބް ޓީއެންޓީ އާއި ދަ ލެޖެންޑްސް އެވެ.
މިއީ ކްލަބް ޓީއެންޓީއިން އިންތިޒާމްކުރާ މި މުބާރާތުގެ ފަސްވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރ އަކަށް ސްޓެލްކޯ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރ އަކީ ގދ. ވާދޫ ކައުންސިލެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކެފޭ ބާވަންނަ އެވެ. އެކޮމޮޑޭޝަން ޕާޓްނަރުންނަކީ އަވަންޓީ ވާދޫއާއި ލަގޫނާ ރިޓްރީޓް އެވެ.
މުބާރާތުގެ ޕާޓްނަރުންނަކީ ޝެލްޓަރ ހޯލްޑިންގްސް އާއި އޭއޭއެޗް ކޮމްޕެނީ އެވެ. ސްޕޯޓް ޕާޓްނަރ އަކީ ސްޓްރައިކް ޒޯން އެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ މަޅި މޯލްޑިވްސް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރގެ ގޮތުގައި ކޮކަކޯލާ ހަމަޖައްސާފައިވާއިރު، ލޮޖިސްޓިކްސް ޕާޓްނަރ އަކީ ޖިއޯވޭވް އެވެ. ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ. އަދި އެސޯސިއޭޓް މީޑިއާ ޕާޓްނަރ އަކީ ދައުރު އެވެ.








