








އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފްލައިޓްތައް ބޮޑެތި އަދަދަކުން ލަސްވެ އަދި ކެންސަލްވެ، ވިލާތުގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ ހީތުރޯ ހިމެނޭހެން އެ ގައުމުގެ މައި އެއާޕޯޓްތަކުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެއްޖެއެވެ.
ލަންޑަންގެ ހީތުރޯ، ގެޓްވިކް، ސްޓެންސްޓެޑް އަދި މެންޗެސްޓާ އެއާޕޯޓް ފަދަ އެއާޕޯޓްތަކުން އެތައް ދިހަ ފްލައިޓެއް ލަސްވެ ނުވަތަ ކެންސަލްވެފައިވާއިރު، ބުދަ ދުވަހުވެސް މި މައްސަލައިގެ އަސަރު ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.
ފްލައިޓްތައް ޓްރެކްކުރާ ފްލައިޓްރާޑާ24 އިން ބުނި ގޮތުގައި މި މައްސަލައިގެ ސަބަބުން އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ އެއާޕޯޓްތަކަށް އަންނަން އޮތް އަދި ފުރަން އޮތް ގާތްގަނޑަކަށް 1،300 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. އަޔަލެންޑްގެ ބަޖެޓް އެއާލައިން ރަޔަންއެއާ އިން ހާމަކުރި ގޮތުގައި އެ އެއާލައިންގެ 50 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހި، 65،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެއާޕޯޓްތަކުގައި ކިއުތައް ދިގުދެމި، ގިނަ އަދަދެއްގެ ފަސިންޖަރުން ދަނީ މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އިނގިރޭސިވިލާތުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތްދޭ މައި ކުންފުނި ކަމަށްވާ ނެޓްސް (NATS) އިން ބުނީ މައްސަލަ ހައްލުކޮށް އާންމު ހާލަތަކަށް ގެނައުމަށް އުންމީދު ކުރި ވަރަށް ވުރެ ގިނަ ވަގުތު ނަގާފައިވާ ކަމަށެވެ. އެ ކުންފުނިން ނެރުނު ބަޔާނުގައި "މިއީ އިންތިހާއަށް މާޔޫސްވާންޖެހޭ ކަމެއްކަން އަޅުގަނޑުމެން ދަންނަން، އަދި އެއްވެސް ޝަރުތަކާ ނުލައި މައާފަށް އެދެން" ކަމަށް ބުނެފައިވެއެވެ. އަދި މިހާރު ސިސްޓަމް ހައްލުކުރެވި، ފުނިޖެހިފައިވާ ފްލައިޓްތަކުގެ ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްގެ ހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ދުނިޔޭގެ ހަތްވަނައަށް އެންމެ ބާރުބޮޑު އެއާޕޯޓުގެ ގޮތުގައި ފާހަގަކުރެވުނު އަދި މިދިޔަ އަހަރު 84 މިލިއަނަށް ވުރެ ގިނަ މީހުން ދަތުރުކުރި ހީތުރޯ އެއާޕޯޓަށް މިއީ ދެ އަހަރު ތެރޭ މިފަދަ ބޮޑު މައްސަލައެއް ކުރިމަތިވި ދެވަނަ ފަހަރެވެ. 2023 ވަނަ އަހަރުގެ ހާދިސާއަށް ފަހު، އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަރަންޓު ކެނޑިގެން މިދިޔަ އަހަރުވެސް ހީތުރޯ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނުއިރު، 2024 ގައި އައިޓީ ސޮފްޓްވެއާ މައްސަލައެއްގައިވެސް ދަތުރުފަތުރަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވިއެވެ.
މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ހައިޑީ އެލެގްޒެންޑާ އެކްސްގައި ވިދާޅުވީ މިކަމުން އިބުރަތް ހާސިލްކޮށް، ވައިގެ ދަތުރުފަތުރަށް އެހީތެރިވެދޭ ނިޒާމުތަކަކީ އެކަށީގެންވާ ގާބިލުކަން ހުރި ނިޒާމުތަކެއްކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.








