








އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ "ބާކޫ ކްލައިމެޓް އެކްޝަން ވީކް 2026" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ސެޕްޓެމްބަރ މަހުގެ 7 އިން 11 ގެ ނިޔަލަށް ބާކޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވވަޑައިގަންނަވަނީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲއެވެ.
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ މި އިވެންޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް މަންދޫބުންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ހަރަކާތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަން ހާމަކޮށްދޭ ކަމެކެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހަރުދަނާ އަދި އެދެވޭ ޙައްލުތަކެއް ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން މި ބައިވެރިވުމުން ރަމްޒުކޮށްދެއެވެ.
ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ޤައުމަށް ވުމާއެކު، ބައިނަލްއަޤްވާމީ މިފަދަ މަންސަތަކުގައި ބައިވެރިވެ، ދުނިޔޭގެ ސަމާލުކަމަށް މި މައްސަލަތައް ގެނައުމަކީ ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.








