








އިންޓަ މިލާން ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ..
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުޅުން ރޭ ފެށިއިރު، އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަމިލާން 2-1 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ސެންޓިއާގޯ ބެރްނަބާއޯގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ އިންޓަ މިލާނުންނެވެ.
ނަމަވެސް މެޗުގެ ވަރަށްކުރީކޮޅު އިންޓަ މިލާނުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 99 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 71 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑަކީވެސް އިންޓަ މިލާންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކެޕްޓަން ފެޑަރީކޯ ވާލްވާޑޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ލީޑް އިތުރަށް ފުޅާކުރުމަށް އެޓީމުގެ އިނގިރޭސި މިޑްފިލްޑްރު ޖޫޑް ބެލިންހަމްއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ވަރަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އޭގެތެރޭގައި ރެއާލްގެ ބްރަހީމް ޑިއާޒް، ކިލިއަން އެމްބާޕޭގެ އިތުރުން ޖޫޑް ބެލިންހަމްއަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުންނުކުރެވި ދިޔައިރު، އިންޓަ މިލާނުން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި ރެއާލްގެ ކީޕަރު ޓީބޯ ކޯޓުއާ އެވެ.
އިންޓަ މިލާނުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކާލޯސް އަގުސްޓޯއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.




