








GMG_6768
(ގދ. ވާދޫ) - ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022 މިރޭ ފަށައިފިއެވެ.
ގދ. ވާދޫ ފުޓްސަލް ދަނޑުގައި މިރޭ ފެށި މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިނޭންސް، އިބްރާހިމް އަމީރު އާއި، ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ. މުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ ރަސްމިީ ލަވަ އިފްތިތާހުކުރުމަށް މުނިފޫހި ފިލުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ކްލަބް ޓީއެންޓީގެ ރައީސް، ސަހުލު ނާޝިދު ވިދާޅުވީ މި މުބާރާތަކީ މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން އެ ކްލަބުން އިންތިޒާމްކުރާ ފުރަތަމަ މުބާރާތް ކަމަށެވެ. އަދި މި މުބާރާތަކީ ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މުބާރާތަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވާދޫގެ ފުޓްސަލް ދަނޑު ހަލާކުވެފައި އޮތުން ކަން ފާހަގަކޮށް، އެ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ސަހުލު ވަނީ ޝުކުރު ދަންނަވާފައެވެ.
އެ ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް، ޙަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވީ، ހުވަދު އަތޮޅުގައި ޒުވާނުންގެ ބައިވެރިވުން އޮންނަ މިފަދަ ކޮންމެ ހަރަކާތަކަށް އެ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ކްލަބް ޓީއެންޓީއިން އިންތިޒާމްކުރާ މި މުބާރާތުގެ ފަސްވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވާއިރު، ފުރަތަމަ ކުޅޭނީ ކްލަބް ރޭވެންސްއާއި ސްކޯޕިއަން ސިޓީއެވެ. އެއަށްފަހު ހަމަ މިރޭ، ކްލަބް ޓީއެންޓީއާއި ވެސްޓް ބޯއިސް ބައްދަލުކުރާ މެޗުވެސް އޮންނާނެ އެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރ އަކަށް ސްޓެލްކޯ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރ އަކީ ގދ. ވާދޫ ކައުންސިލެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކެފޭ ބާވަންނަ އެވެ. އެކޮމޮޑޭޝަން ޕާޓްނަރުންނަކީ އަވަންޓީ ވާދޫއާއި ލަގޫނާ ރިޓްރީޓް އެވެ.
މުބާރާތުގެ ޕާޓްނަރުންނަކީ ޝެލްޓަރ ހޯލްޑިންގްސް އާއި އޭއޭއެޗް ކޮމްޕެނީ އެވެ. ސްޕޯޓް ޕާޓްނަރ އަކީ ސްޓްރައިކް ޒޯން އެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ މަޅި މޯލްޑިވްސް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރގެ ގޮތުގައި ކޮކަކޯލާ ހަމަޖައްސާފައިވާއިރު، ލޮޖިސްޓިކްސް ޕާޓްނަރ އަކީ ޖިއޯވޭވް އެވެ. ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ. އަދި އެސޯސިއޭޓް މީޑިއާ ޕާޓްނަރ އަކީ ދައުރު އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށައަޅާފައިވަނީ 75000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.








