.png?w=3840&q=75)





.jpeg?w=3840&q=75)


ވެރިރަށް މާލޭގެ މައިމަގުތަކުގެ ތެރެއިން އަމީނީމަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ތިންވަނަ ބައިގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއިން ބުނެފިއެވެ.
ހަލާކުވެފައިވާ އަމީނީމަގުގެ ބައިތަކުގެ ތެރެއިން މަސައްކަތްކުރަމުންދާ ސެގްމަންޓް 3ގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 4ވަނަ ދުވަހުއެވެ.
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އަމީނީމަގުގައި ހަލާކުވެފައިވާ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީއިން ބުނީ، އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ލަފާކުރެވޭ ގޮތުން ހޯމަ ދުވަހު ނިމޭނެ ކަމަށެވެ. އަދި އެއަށްފަހު މި ހަފުތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ލަފާކޮށްފައެވެ.
އެމްޓީސީސީން ބުނީ، ސެގްމަންޓު 3ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި، ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.އަމީނީމަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ސެގްމެންޓް 1 އަދި 2ގެ މަސައްކަތެވެ.
އެއީ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ.
މި ދެ ބައިގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، މަގު ހުޅުވާލާފައެވެ.
ސެގްމަންޓު 3 ގެ މަސައްކަތަށްފަހު ސެގްމަންޓް 4 ގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދެވެ. ސެގްމަންޓް 4ގެ މަސައްކަތުގެ ތެރޭގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.



.png?w=3840&q=75)



