
-
ވިއެޓްނާމުގެ ވެރިރަށް ހެނޯއީގައި ބޭއްވި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 2026 ވަނަ އަހަރުގެ "އޭޝިއަން ރީޖަނަލް ފޯރަމް އޮން އިންވެސްޓްމަންޓް މެނޭޖްމަންޓް އޮފް ފޮރިން އެކްސްޗޭންޖް ރިޒާވްސް" ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފިއެވެ.
މި ފޯރަމުގައި ގަވަރުނަރު މުނައްވަރު ޕްރެޒެންޓޭޝަން ދެއްވާފައިވަނީ "ޓްރެންޑްސް އެންޑް ޗެލެންޖަސް އިން ރިޒާވް މެނޭޖްމަންޓް އިން ޓައިމްސް އޮފް ޖިއޯޕޮލިޓިކަލް އެންޑް މެކްރޯއިކޮނޮމިކް އަންސަޓެންޓީ" މި މަޢުޟޫޢުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ތަޖުރިބާތަކުގެ މައްޗަށް ބައްލަވާލައްވަމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ ފައިސާގެ ރިޒާވް ބެލެހެއްޓުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކަށް ގަވަރުނަރު އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި، ބޭރުގެ ދުނިޔެއަށް އަންނަ އިޤްތިޞާދީ ލޮޅުންތަކާއި، މުދާ އިމްޕޯޓްކުރުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި، އަދި ރަސްމީ ރިޒާވަށް ކުރިމަތިވާ ފިއްތުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލަފާކުރަން ދަތި ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ޤައުމުގެ އިޤްތިޞާދު ރައްކާތެރިކުރުމަށްޓަކައި، އެކަށީގެންވާ ލިކުއިޑިޓީ ބަފަރއެއް ދެމެހެއްޓުމާއި، މާލީ ސިޔާސަތުތައް ގުޅިގެން ހަރުދަނާކުރުމާއި، އަދި ޙާލަތަށް ބަލައި ބަދަލުކުރެވޭ ފަދަ ލުއިފަސޭހަ (ފްލެކްސިބަލް) ރިޒާވް މެނޭޖްމަންޓް ސްޓްރެޓެޖީތަކެއް އެކަށައެޅުމުގެ މުހިންމުކަން ގަވަރުނަރު ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
ހެނޯއީގައި ކުރިއަށްދިޔަ މި މުހިންމު ފޯރަމުގައި ގަވަރުނަރު މުނައްވަރުގެ އިތުރުން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް ޑިވިޜަންގެ ސީނިއަރ މެނޭޖަރ ރުޝަހާ އަޙްމަދު ޝަރީފް ވެސް ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
.png?w=3840&q=75)




.png?w=3840&q=75)





.jpeg?w=3840&q=75)




