.png?w=3840&q=75)





.jpeg?w=3840&q=75)


ޓެކްސީ ޑްރައިވަރަކަށް ވެގެން މަގުމައްޗަށް ނުކުންނަނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދެއް ދުއްވާލައިގެން އާމްދަނީ ހޯދާކަށް ނޫނެވެ. އެއީ ދުވާލަކު އެތައް ބައެއްގެ މިޒާޖާއި، ކެތްތެރިކަމާއި، އަދި ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލާންޖެހޭ ބުރަ މަސައްކަތެކެވެ. މިއަދު އަޅުގަނޑު މި ވާހަކަ ދައްކަން މި ޖެހުނީ، ޓެކްސީ ޑްރައިވަރުން ކޮންމެ ދުވަހަކު ތަޙައްމަލުކުރަންޖެހޭ، އެހެން ނަމަވެސް އެއްވެސް މީހަކަށް ފެންނަ ކަމަކަށް ނުވާ ބޮޑު ތަކުލީފެއްގެ ވާހަކަ ހިއްސާކޮށްލުމަށެވެ.
ޓެކްސީ ޑްރައިވަރަކު އޭނާގެ ތަޖުރިބާ ސޯޝަލްމީޑިއާގައި ހިއްސާކުރިއެވެ. "އާދައިގެ މަތިން އިއްޔެވެސް އަޅުގަނޑު ޓެކްސީ ދުއްވަން ނުކުތީމެވެ. މުޅި ދުވަހު އަޅުގަނޑު ކުރީ 19 ދަތުރެވެ. ނަމަވެސް ހިތާމައަކީ، މި 19 ދަތުރުގެ ތެރެއިން 17 ދަތުރުގައި ކަސްޓަމަރުން ކާރަށް އަރަން އަންނަންދެން މަގުމަތީގައި 5 އާއި 6 މިނެޓާ ދެމެދުގެ ވަގުތެއް ބޭކާރުކޮށް މަޑުކުރަން ޖެހުމެވެ. މިއީ ހަމައެކަނި އިއްޔެގެ ދަތުރުތަކަށް ބަލާއިރުވެސް ޖުމުލަ ގޮތެއްގައި 95 އާއި 114 މިނެޓާ ދެމެދުގެ އަގުހުރި ވަގުތެވެ. ގާތްގަނޑަކަށް ދެ ގަޑިއިރެވެ!"
އާދެ، އެ ދެ ގަޑިއިރަކީ މަގުމަތީގައި ޓްރެފިކް ބާރުބޮޑުވެ، ފަހަތުން އަންނަ ވެހިކަލްތަކުގެ ބަސްބުނުމާއި ބަރުގޮނުގެ އަޑުތަކުގެ ތެރޭގައި، ކަސްޓަމަރުގެ އިންތިޒާރުގައި ބޭކާރުވެގެން ދިޔަ ވަގުތެވެ. އަދި އެއީ އިތުރު ދެތިން ދަތުރު ކޮށްލައިގެން ދެއިރު ކާންބޯން ލިބެން އޮތް ފުރުޞަތު ގެއްލިގެން ދިޔަ ވަގުތުވެސް މެއެވެ.
ކަންކަން މިހެން ހުރެމެ، ހިތާމައަކީ، މުޖުތަމަޢުގެ ތެރޭގައި އަބަދުވެސް ހުރިހާ ޝަކުވާއަކާއި ފާޑުކިޔުމެއް އަމާޒުވަނީ ޓެކްސީ ޑްރައިވަރުންނަށް ކަމަށް ވާތީއެވެ. ޑްރައިވަރު ލަސްވެއްޖެނަމަ، ނުވަތަ ކުޑަކޮށް މަޑުކޮށްނުލެވިއްޖެނަމަ، އެމީހުންނަކީ އެންމެ ގޯސް މީހުންނެވެ. ނަމަވެސް ކާރު ހޯދަން އެދިފައި، ތައްޔާރުނުވެ ގޭތެރޭގައި ތިބޭ ތިބުމާއި، ދޮރުމައްޗަށް ކާރު އައުމުން ދެންމެ އެބަދަމޭ ބުނެ ލަސްކުރާ ލަސްކުރުމަކީ އެއްވެސް މީހަކު ވާހަކަދައްކާ ކަމެއް ނޫނެވެ.
ޓެކްސީ ޑްރައިވަރުގެ ވާހަކައަކީ މިއީއެވެ. އާދެ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިފަދަ ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރާ އުޞޫލުތަކަކީ ވަރަށް ތަރުތީބުވެފައިވާ، އިންޞާފުވެރި އުޞޫލުތަކެކެވެ. އެ ޤައުމުތަކުގައި ކާރު ދާ ވަގުތުން ފެށިގެން ވަކި މުއްދަތެއް ފަހަނައަޅައި ދިއުމުން 'ވެއިޓިންގ ފީ' ނުވަތަ މަޑުކުރާ ވަގުތަށް އަގު ނެގެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް ލަސްވެއްޖެނަމަ، ދަތުރު ކެންސަލްކޮށް 'ކެންސަލޭޝަން ފީ' ޗާޖުކުރުމުގެ ފުރުޞަތުވެސް ޑްރައިވަރަށް އޮވެއެވެ. މިއީ ޑްރައިވަރުންގެ ވަގުތުގެ އަގުވަޒަންކޮށް، ދެފަރާތުގެ ޙައްޤުތައް ހަމަހަމަކަމާއެކު ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ އިންޞާފުވެރި އުޞޫލުތަކެކެވެ.
ހަގީގަތެވެ. ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ޓެކްސީ ޑްރައިވަރުންނަކީވެސް އަނބިދަރިން ބަލަން، ވަގުތު ވިއްކައިގެން ޙަލާލު ދިރިއުޅުމެއް ހޯދަން މަސައްކަތްކުރާ އިންސާނުންނެވެ. ވީމާ، މިފަދަ ކަންކަމާމެދު ހޭލުންތެރިވެ، އެކަކު އަނެކަކުގެ ވަގުތުގެ އަގު ވަޒަންކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައިވެސް ޢާންމުވާންޖެހޭ ވަރަށް މުހިންމު ކަމެއް ނޫންތޯއެވެ؟ ކާރަކަށް އެދުމުގެ ކުރިން ފުރިހަމައަށް ތައްޔާރުވެގެން ތިބުމަކީ، ޑްރައިވަރުންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ.
.png?w=3840&q=75)



