.png?w=3840&q=75)





.jpeg?w=3840&q=75)


-
ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، ހުޅުމާލޭގެ ސިންތެޓިކް ޓްރެކް، ފުލް ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކް ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މި އޮކްޓޫބަރު މަހު ފައްޓަވާނެކަން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އިޢުލާންކުރެއްވީ ނިމިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި "އަހާ" ފޯރަމުގައެވެ.
ރައްޔިތުންނާ ބައްދަލުކޮށް ވަޒީރުން ސުވާލުތަކަށް ޖަވާބުދެއްވި މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ހުޅުމާލޭގައި މިހާރު ބޭނުންކުރަމުން އަންނަ ސިންތެޓިކް ޓްރެކަކީ ބައިނަލްއަޤްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި އެތުލީޓުން އެ ޓްރެކުގައި ރެކޯޑެއް ހެދި ނަމަވެސް، ވޯލްޑް އެތުލެޓިކްސްގެ އުޞޫލުތައް އޮންނަ ގޮތުން އެ ރެކޯޑުތައް ރަސްމީކޮށް ބަލައިނުގަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ރެކޯޑްތައް ޤަބޫލުކުރަނީ ހަމައެކަނި އެ އިދާރާގެ ހުއްދައާއި މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ސެޓިފައިޑް ޓްރެކްތަކުގައެވެ.
މި މަޝްރޫޢުގެ އަމާޒަކީ މި މަހު ޢަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ.
މި މަޝްރޫޢުގެ ތަފްޞީލު ދެއްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު ވަނީ އޯޑަރުކުރެވިފައި ކަމަށެވެ. އަދި އެތަނުގެ ހުރިހާ ތަފްޞީލީ ކުރެހުންތަކާއި ޓެކްނިކަލް މަސައްކަތްތައް ވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
މި ބަދަލާއެކު ދިވެހި އެތުލީޓުންނަށް ދުނިޔޭގެ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ފަރިތަކުރުމުގެ ފުރުޞަތު ފަހިވެ، އެތުލީޓުން ހަދާ ރެކޯޑުތައް ބައިނަލްއަޤްވާމީ މައިދާނުގައި ރަސްމީކޮށް ބަލައިގަތުމުގެ މަގު ފަހިވެގެންދާނެއެވެ.
.png?w=3840&q=75)







