.png?w=3840&q=75)





.jpeg?w=3840&q=75)


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ޢާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. ސަރުކާރުން ކަނޑައަޅާފައިވާ 10 ރަށެއްގައި މި ދަނޑުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ރަށްރަށުގެ ފެހިކަން އިތުރުވެ، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ އެގްރޯފޮރެސްޓްރީ ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާޙައުލާއި ތިމާވެށްޓާ ގުޅޭ ދިގު މުއްދަތުގެ ގަސްގަހާގެއްސާއި، ކުރު މުއްދަތެއްގެ ތެރޭގައި ނަފާ އަދި ފައިދާ ލިބޭނޭފަދަ ކާބޯތަކެއްޗެވެ. މިފަދަ ގަސްތައް ހެއްދުމުގެ ސަބަބުން ފަސްގަނޑު މުއްސަނދިވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެށިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
.png?w=3840&q=75)







