


.jpeg?w=3840&q=75)





މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ފައުންޑޭޝަން އެޅުމަށްޓަކައި އެތަން ކޮނުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ - އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫޢަކީ ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ދެހާސް ސައުވީސް ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 1000 އަކަފޫޓު ހުންނާނެއެވެ.
މި ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންގް ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރޫމެއް ހިމެނެއެވެ. މީގެއިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ޚާއްޞަ ސަރަހައްދެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
10 ހެކްޓަރުގެ ކުޑަ ދިއްގަރުގެ އާބާދީގައި 1300އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ރަށުގެ ބޮޑު ބައެއް ގިރަމުންދިއުމުގެ ސަބަބުން ބިމުގެ ޖާގައިގެ ދަތިކަން ވަނީ ބޮޑުވެފައެވެ. އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން 25 ހެކްޓަރުގެ ބިން ހިއްކައި، 138 މީޓަރުގެ ބޭރުތޮއްޓަކާއި، ހަތްސަތޭކަ މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިން ވަނީ ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މި ހައުސިން މަޝްރޫޢު އިތުރަށް ފުޅާކޮށް، ރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައް ހިންގަވާނެކަން އިއުލާނުކުރައްވާފައެވެ. އެގޮތުން 30 އެނދުގެ ހޮސްޕިޓަލަކާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލަށް އިތުރު ނުވަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ބިނާކުރުން ހިމެނެއެވެ.







.jpeg?w=3840&q=75)
