.png?w=3840&q=75)





.jpeg?w=3840&q=75)


-
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރ ޕަޚްތުންޚުވާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، އެ ސަރަޙައްދުގެ ލޯކަލް ސަރުކާރުގެ ބާރުތައް މައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އާދީއްތަ ދުވަހު މި ފިޔަވަޅު އަޅާފައިވަނީ ޤައުމީ ސަލާމަތާ ގުޅޭގޮތުން ޕާކިސްތާނުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދެ މާއްދާއެއްގެ ދަށުންނެވެ. މި ނިންމުމާއެކު، ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާކިސްތާން ތަޙްރީކޭ އިންޞާފް (ޕީޓީއައި) އިން ހިންގަމުން އައި އެ ޕްރޮވިންސްގެ ސަރުކާރު މިހާރު ވަނީ ރަސްމީކޮށް ސަސްޕެންޑްކޮށްފައެވެ.
ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި ފިޔަވަޅު އަޅުއްވާފައިވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުން ނިންމި ނިންމުންތަކަށް ރިޔާސީ ހުއްދަ ދެއްވުމަށްފަހުގައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚައިބަރ ޕަޚްތުންޚުވާގެ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުން ޤަޞްދުގައި ވަކިވެ، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގައި ޕްރޮވިންސްތަކުގެ ބާރުތައް މައި ސަރުކާރަށް ނެގުމުގެ އިޚްތިޔާރު ޤާނޫނުއަސާސީން ލިބިދިން ނަމަވެސް، ދެން އެ ސަރަޙައްދު ހިންގާނީ ކޮން އުޞޫލަކުން ކަމެއް ރައީސްގެ އޮފީހުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
މި އިޢުލާނަށްފަހު މާގިނައިރުތަކެއް ނުވެ، ޕީޓީއައިގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ޖުނައިދު އަކްބަރު ވިދާޅުވީ، ޚައިބަރ ޕަޚްތުންޚުވާގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީ އަދި އެ ޕްރޮވިންސްގެ ޕީޓީއައިގެ ރައީސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ، ޖަލުގައި ހުންނެވިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނަމަވެސް އަދިވެސް ބޮޑު ތާއީދެއް އޮތް ޢިމްރާން ޚާން ދޫކޮށްލުމަށް ގޮވާލައި، ޕީޓީއައި އިން ވެރިރަށް އިސްލާމްއާބާދަށް ބޮޑު އެއްވުމެއް ނުވަތަ މާޗެއް ބޭއްވުމަށް ވަރުގަދައަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
.png?w=3840&q=75)







