.png?w=3840&q=75)





.jpeg?w=3840&q=75)


-
އީރާނުގެ ނިއުކްލިއަރ ޓެކްނޮލޮޖީއަކީ ބޭރުގެ އެއްވެސް ނުފޫޒަކުން ނުވަތަ ބިރުދެއްކުމަކުން އަދި ހަމަލާއަކުންވެސް ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށާއި އެ ވަސީލަތްތައް ހުރީ ފުރިހަމަ ރައްކާތެރިކަމާއެކު ކަމަށް އެ ޤައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން (އޭއީއޯއައި) ގެ އިސްވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްލާމީ ވިދާޅުވީ އީރާނުން ހޯދާފައިވާ ނިއުކްލިއަރ ކުރިއެރުމަކީ އެ ޤައުމުގެ ޒުވާން ސައިންސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުގެ ރެޔާއި ދުވާލުގެ ބުރަ މަސައްކަތުން ހާސިލުކޮށްފައިވާ ޤައުމީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އދ. ގެ ޕޯޑިއަމްގައި އެމެރިކާގެ އޮފިޝަލުން ދައްކަވާ ވާހަކަތަކުން ހާމަވަނީ އެ ޤައުމުގެ ނުކުޅެދުންތެރިކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އދ. ގެ ޕޯޑިއަމްގައި ހުރެ، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް ޓެކްޓިކަލް ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ދޭ އިންޒާރުތަކަށާއި، އީރާނުގެ ޒަމާންވީ ޙަޟާރާތް ނައްތާލާނެ ކަމަށް ބުނާ ބުނުންތަކަށް ރައްދު ދެއްވަމުން އިސްލާމީ ވިދާޅުވީ، އެއީ ޢިލްމާއި ޓެކްނޮލޮޖީގެ މައިދާނުގައި ކުރިއަރާފައިވާ ޤައުމެއްގެ ކުރިމަތީގައި އެމެރިކާ ނުކުޅެދިފައިވާ މިންވަރު ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް ހުއްޓުވުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެއްޖެނަމަ، އެ ޤައުމުގެ ނިއުކްލިއަރ ސައިޓްތަކަށް އަމާޒުކޮށް ހަމަލާދީފާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.
ނަމަވެސް އިސްލާމީ ވިދާޅުވީ، މިއީ އެ ޤައުމުގެ އަމިއްލަ ދިރާސާތަކުން އުފައްދާފައިވާ ޤައުމީ ޓެކްނޮލޮޖީއަކަށް ވާތީ، ބޭރުގެ އެއްވެސް ޕްރެޝަރަކަށް، ބިރުދެއްކުމަކަށް ނުވަތަ އަސްކަރީ ހަމަލާއަކަށްވެސް އީރާނުން ދޫނުދޭނެ ކަމަށެވެ. އަދި އެއްވެސް ބައެއްގެ މިންވަރަށްވުރެ އިތުރު އެދުންތަކާއި ޝަރުޠުތަކުގެ ކުރިމަތީގައި އީރާން ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.




.png?w=3840&q=75)



