








-
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، ނަމަވެސް ޞުލްޙަވެރި ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ތަރައްޤީކުރުމަށް ލިބިދީފައިވާ ޙައްޤު ދޫކޮށްނުލާނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާނުން ހަކަތަ ހޯދަން މަސައްކަތްކުރަނީ ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ކަމަށާއި، އެހެން މުޖުތަމަޢުތަކަށް ބިރުދެއްކުމަށް ނޫން ކަމަށެވެ.
އެހެންކަމުން ނިއުކްލިއަރ ހަތިޔާރު ނެހެދި ނަމަވެސް، ޞުލްޙަވެރި ނިއުކްލިއަރ ޓެކްނޮލޮޖީއަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ދެފުށްދެކެހި ސިޔާސަތަށް ފާޑުވިދާޅުވަމުން ޕެޒެޝްކިއާން ވިދާޅުވީ، ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުޢާހަދާގައި ސޮއިނުކޮށް، ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އިސްރާއީލުގެ އެއްވެސް ތަނެއް ބައިނަލްއަޤްވާމީ އިންސްޕެކްޓަރުން ބަލައިފާސްނުކުރާ ކަމަށެވެ.
އަދި އޭގެ ބަދަލުގައި މަޝްވަރާގެ މޭޒުގައި އޮތް އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ބޮންއަޅަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސީދާ ގެއްލުން ލިބެމުންދަނީ އީރާނުގެ ބަލިމީހުންނަށާއި ނިކަމެތި، ފަޤީރު ޢާންމު ރައްޔިތުންނަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.








