








-
އީރާނުގެ ޤައުމީ ސިޔާދަތާއި ދިފާޢުގައި ފިޔަވަޅު އެޅުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށް ނުވަތަ ރުހުމަކަށް އެ ޤައުމުން އެދެން ނުޖެހޭނެ ކަމަށާއި، ޤައުމު ދިފާޢުކުރީ ފުރިހަމަ ބާރާއެކު ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ.
އެމަނިކުފާނުގެ ތަޤުރީރު ފެއްޓެވުމާއެކު އެމެރިކާގެ ވަފުދުގެ އިސް އޮފިޝަލަކު ވަނީ ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފައެވެ.
އދ. ގެ ޕޯޑިއަމްގައި ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އީރާނުގެ ރައްޔިތުންނަކީ އަބަދުވެސް ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމަށާއި، ޤާނޫނީ އެއްވެސް ހަމައެއް ނެތި އީރާނުގެ ރޫޙާނީ ލީޑަރު އަވަހާރަކޮށްލުމާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އެމެރިކާއިން ބޮންއެޅި ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުގެ ޒަމާނީ ހަތިޔާރުތަކުގެ ކުރިމަތީގައި އީރާނުން ދިފާޢީ ރައްދެއް ދިން ނަމަވެސް، އީރާނުން ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދީފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ 200 އަހަރު ދުވަހުގެ ތެރޭގައިވެސް އެއްވެސް ޤައުމަކަށް އީރާނުން އިސްވެ ހަމަލާދީފައި ނުވާނެ ކަމަށް ފާހަގަކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާނުގެ ދިފާޢީ ނިޒާމުތައް ވަރުގަދަކޮށްފައިވަނީ އީރާނުގެ ސިޓީތަކަށް ބޮންއަޅައިފިނަމަ އެކަމުގެ އަދަބު ނުލިބި ސަލާމަތް ނުވެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ.








