








-
ފަލަސްޠީނުގެ މައްސަލައަށް އިންޞާފުވެރި ޙައްލެއް ނުލިބެނީސް ދުނިޔޭގައި ޞުލްޙަ ޤާއިމުނުކުރެވޭނެ ކަމަށާއި، ބިރުދެއްކުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުން ދުވަހަކުވެސް ކަކޫމައްޗަށް ތިރިނުވާނެ ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން 70,000 އަށްވުރެ ގިނަ މީހުން މަރައި ނަސްލުހޭދުކުރުމުގެ ޖަރީމާތައް ހިންގަމުންދާއިރު، އެއީ ބައިނަލްއަޤްވާމީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
އަދި އަނިޔާވެރިކަމާއި އިސްތިޢުމާރު ދެމިއޮތްހާ ހިނދަކު، ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢީ ޖިހާދާއި ދެކޮޅުވެރިކަން (ރެސިސްޓެންސް) ބޮމާއި ހަމަލާތަކުން ނައްތާނުލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ރައީސް ޕެޒެޝްކިއާން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސީދާ އަމާޒުކުރައްވައި މެސެޖެއް ދެއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކާއި ބިރުދެއްކުންތައް އިތުރުކުރި ވަރަކަށް އީރާނުގެ ރައްޔިތުންގެ ޢަޒުމާއި ސާބިތުކަން ވަރުގަދަވާނެ ކަމަށެވެ. އަދި ބާރުގެ ބޭނުންކުރުން ހުއްޓާލައި، އިޙްތިރާމާއެކު ވާހަކަދައްކާނަމަ، ޑިޕްލޮމެޓިކް މަޝްވަރާތަކަށް އީރާން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.








