






.jpg?w=3840&q=75)

އެފްސީ އިންކޮގްނިޓޯގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ...ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ދިރާގު ހަތަރުވަނަ ރެޕްސް ފުޓްސަލް ކަޕް 2026 ގެ ފައިނަލުގައި ބޮލްޓް އެފްސީ ބަލިކޮށް އެފްސީ އިންކޮގްނިޓޯ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.
މުބާރާތުގެ ފައިނަލުން އެފްސީ އިންކޮގްނިޓޯ ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބުލޫ ގާޑިއަންސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު އެވެ. އަދި ބޮލްޓް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 6-3 ގެ ނަތީޖާއަކުން ރެޑް ވިންގްސް ބަލިކުރުމަށްފަހު އެވެ.
ހުޅުމާލެ ފޭސް އެކެއްގެ ހަތަރު ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި އިންކޮގްނިޓޯއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ޝާބިން އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންކޮގްނިޓޯ ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންކޮގްނިޓޯގެ މުހައްމަދު އިޝާން އެވެ.
25 ސެޕްޓެންބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމާއެކު ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ފުރުސަތު ލިބިފައެވެ.








