







ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި 5-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބަލިކޮށްފައިވާއިރު، ދަ ގްރާންޑޭ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެމްއެސް މޭޓްސް އަތުން އެޓީމު ބަލިވީ 9-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު ލިގެ ފުރަތަމަ ބުރުގައި ވާދަކުރި މެޗު ނިއު އިން ކާމިޔާބުކުރީ 15-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މިމެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނިއުގެ ޝަބީނާ ކަތުން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ މަސްރާ ޕްރަވީން އަދި ނީޝާ ސަމީރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ނިއުގެ ފާތިމަތު އަފްޒާ އަދި މަރިޔަމް ނޫރާ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ ޝަބީނާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ދަ ގްރާންޑޭ އިން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެެވެ.
15 ނޮވެމްބަރު 2026 އިން 03 ޑިސެންބަރު 2026ގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ވިމެންސް ލީގުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅޭ ގޮތަށެވެ. އަދި ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓިމަކަށެވެ.







