







އިންޑިއާ ކަނޑަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިންގާ ކަމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް، ސީއެސްސީގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވިލާ ނޯޓިކާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ވަނީ އަމިއްލަ ސަރަޙައްދުގެ ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ފަދަ ޤާބިލުކަން ޤައުމެއްގައި ހުރުމަކީ، މުޅި ސަރަޙައްދުގެ އަމާންކަމާއި ސަލާމަތަށް އެޅޭ ބާރަކަށް ވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ޒަމާނީކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި، ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި އަދި ޓެރަރިޒަމް ފަދަ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކަކީ ޤައުމުތަކުގެ ސަލާމަތަށް ހުރި ބޮޑެތި ނުރައްކާތައްކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާތަކަކީ ދުރުގައި އޮތް ބިރެއް ނޫން ކަމަށާއި، އެއީ އަބަދުވެސް ކުރިމަތިވަމުން އަންނަ ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ދިފާޢީ، ޤާނޫނު ތަންފީޛުކުރާ އަދި ކާރިސާތަކަށް އިޖާބަދޭ އިދާރާތައް، ގުޅިގެން މަސައްކަތްކުރާ ވަށާޖެހޭ ނިޒާމެއް ރާއްޖޭގައި ހަރުދަނާކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. 2011 ވަނަ އަހަރު ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ މެދުގައި ފެށި މި މަޝްވަރާތައް މިހާރު 6 ޤައުމެއް އެކުލެވޭ ފުޅާ ފޯރަމަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ސީއެސްސީ މެދުވެރިކޮށް ސަރަޙައްދީ އެއްބާރުލުން އިތުރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެންމެހައި ފަރާތްތަކާ އެކުވެރިކަން ބޭއްވުމުގެ މައްޗަށް ކަމަށާއި، މިފަދަ އެއްބާރުލުންތައް ކުރިއަށްދާންވާނީ ކޮންމެ ޤައުމެއްގެވެސް އިސްތިޤްލާލާއި މިނިވަންކަމަށް ފުރިހަމައަށް އިޙްތިރާމްކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.







