







ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަމީރު އެ މަޤާމަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ.
ސަމީރު މި މަގާމަށް އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ސިޓީފުޅު ފޮނުއްވާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 18 ދުވަހު އެވެ. އަދި ސަމީރު މަގާމަށް އައްޔަންކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ހަމަ އެދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ރުހުން ދީފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވާ މަޤާމަށް ބޭފުޅަކު އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައިވަނީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ހުޅުވާލި މި ފުރުސަތުގައި ސަމީރުގެ އިތުރުން ދެން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. ސަމީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ޖޭއެސްސީން ކުރި އިންޓަވިއުއަށްފަހު ދެއްވި ލަފާފުޅާ އެއްގޮތަށެވެ.
އަލީ ސަމީރުއަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މާޗު 2011 އިން މެއި 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާއިރު، 12 މެއި 2022 އިން ފެށިގެން 28 އޮކްޓޫބަރު 2024 ގެ ނިޔަލަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.
ޤާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެ އެވެ.







