







ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީއާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވާ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) އުސޫލުން ގާއިމްކުރުމުގެ ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ސްޓެލްކޯ އަދި ޗައިނާގެ ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ވަޒީރު އަލީ ޝަރީފް ސޮއިކުރެއްވިއިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއުއެއް ކަމަށެވެ. އަދި މިއީ މި ސިޔާސަތުގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
"2023 ޔޫއޭއީގައި ބޭއްވުނު ކޮޕްގައި ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ދިވެހި ރާއްޖޭގައި ކަރަންޓު އުފައްދާ މިންވަރުގެ %33 ރިނިއުބަލް އެނަރޖީއަށް ހެދުމުގެ ލަނޑުދަނޑިއެއް. އެއަށް މަސައްކަތްކޮށް މިހާރުވެސް އަޅުގަނޑުމެންނަށް އެބަހުރި ސަރުކާރު ފެށިއިރު 56 މެގަވޮޓްގައި ހުރި އެއްޗެއް 136 މެގަވޮޓަށް އިތުރުކުރެވިފައި،" ވަޒީރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވަނީ މިއީ ރާއްޖޭގެ ރަށްތަކުގެ ހަކަތައިގެ ހާލަތު ރަނގަޅުކުރުމަށް ނުހަނު ބޭނުންތެރި، މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވާފަ އެވެ.
މި 150 މެގަވޮޓްގެ ހައިބްރިޑް ނިޒާމު ފުރިހަމައަށް ޤާއިމުކުރެވުމާއެކު، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ ލަނޑުދަނޑީގެ 60 އިންސައްތަ ހާސިލުވެގެންދާނެ އެވެ. މީގެއިތުރުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދާއި ކަރަންޓު ސަބްސިޑީން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެ އެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވި، ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ އެވެ.







