







ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން މި އަހަރު ވެސް ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފިއެވެ.
ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ. މިގޮތުން، މި ސަރވޭ މެދުވެރިކޮށް މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިހްތިރާމާއި، ކުންފުންޏާމެދު ފަހުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިން ކުރެވިގެންދެއެވެ.
މިކަމާ ގުޅޭގޮތުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރ އަޒްހާ ޒަމީރު ވިދާޅުވިގޮތުގައި ޖެހިޖެހިގެން ދެވަނަ އަހަރު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ލިބުމަކީ، ދިރާގުގެ އެންމެހައި މުވައްޒަފުންގެ ބައިވެރިވުމާއެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު އެގޮތުގައި ދެމެހެއްޓި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމަށާއި މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަހުރުވެރިވާ ފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި އަދި، މި ސަގާފަތް ދެމެހެއްޓުމުގައި ދިރާގުގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މި ހަރުދަނާ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބުން".
ދިރާގުން ދަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ. 99.9% ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ މި ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސް އަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ.





.png?w=3840&q=75)

