







މެޑަމް ސާޖިދާ މުޙައްމަދު - ފޮޓޯ: އަޙްމަދު ނަހުޒާން / ގާފު
ބިރުވެރިކަމާއި ނުތަނަވަސްކަމާއި ތަފާތުކުރުންތަކުން އަންހެނުންނާއި އަންހެން ކުދިން ރައްކާތެރިވެފައިވާ ކުރިމަގެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ-ބޭސްޑް ވަޔަލެންސް" ކެމްޕޭނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އަންހެނަކަށްވީތީ ކުރާ އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރެވޭނީ، އެފަދަ ޢަމަލުތަކަށް ހިތްވަރާއެކު ނޫނެކޭ ބުނެ، އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކަމާގުޅޭ ދާއިރާތަކުގެ އެންމެހައި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މާނަހުރި ނަތީޖާއެއް ނެރެދެވޭނެ ގޮތްތަކަށް ކަންކަން ބައްޓަންކުރުމަށް ވެސް އެކަމަނާ ގޮވާލެއްވި އެވެ.
މީގެއިތުރުން މެޑަމް ވިދާޅުވީ އަނިޔާގެ ޝިކާރައަކަށްވެ އެފަދަ ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރި މާޙައުލެއް ހޯދައިދީ، އެފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި އިސްނަގައި، ޒިންމާދާރުކަމާއެކު މަސައްކަތްތައް ބައްޓަންކުރުމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
މިފަދަ އަނިޔާވެރި އަމަލުތަކަކީ އާދައިގެ ކުޑަ ކަމެއްގެ ގޮތުގައި ނުދެކި، އަނިޔާ ލިބޭ މީހުންގެ އަޑުއަހައި، ފަސޭހައިން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް މުޖުތަމައުގައި ޤާއިމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންހެނުންނާއި އަންހެން ކުދިންނަށް މުޖުތަމައުގައި ހަމަހަމަކަމާއި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރެއްވި އެވެ.






