



%20(3).jpeg?w=3840&q=75)



-
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވަރަށް މަޑުމައިތިރި އަދި ރިވެތި ބަސްމަގެއް ގެންގުޅުއްވާ ބޭފުޅެއް ނަމަވެސް، ވިދާޅުވާން ބޭނުންފުޅުވާ މެސެޖު ނުހަނު ވަރުގަދަކޮށް އަދި އޮޅުމެއްނެތި ސާފުކޮށް ގެނެސްދެއްވާ ކުޅަދާނަ ލީޑަރެއް ކަމަށް ވިދާޅުވެ، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އެމަނިކުފާނަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ދެ ޤައުމުގެ ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި، ދެ ބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ކަންކަން ހުށަހަޅުއްވަނީ ނުހަނު ތަރުތީބުން އަދި ފުރިހަމަ ޕްލޭނަކާއެކު ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ މަޝްވަރާކުރެއްވުމުގެ ހުނަރުވެރި ސްޓައިލަށް ސަމާސާ ރާގެއްގައި ތަޢުރީފުކުރައްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ކުޅަދާނަ ކެމިކަލް އިންޖިނިއަރެއް ފަދައިން ރައީސް މުޢިއްޒު ކަންކަން ތަރުތީބުކުރައްވައި، "އެއްވަނަ، ދެވަނަ، ތިންވަނަ" ކަމަށް ވަކިވަކިން ކަންކަން ހުށަހަޅުއްވަމުން ގެންދެވި ގޮތުން، އެ ހުށަހެޅުންތަކަށް އެއްބަސްވެ "އާނއެކޭ" ބުނުން ފިޔަވައި އެހެން އެއްވެސް އިޚްތިޔާރެއް އެމަނިކުފާނަށް ނެތް ކަމަށެވެ.
އަދި ރައީސް މުޢިއްޒު އެދިވަޑައިގެންނެވި ކަންކަން ފުރިހަމައަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ބޮޑުވަޒީރު ދެއްވިއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް އިތުރަށް ފާހަގަކުރެއްވީ، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ ދެ ލީޑަރުންގެ މެދުގައި އޮތް ގާތް އަދި ދަޢުލަތުގެ ފެންވަރުގެ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށެވެ.
އަދި ރާއްޖެއަށް ބޭނުންވާ މުހިންމު ކަންކަމުގައި ރައީސް މުޢިއްޒު ދެއްކެވި ސާބިތުކަމާއި ޝައުޤުވެރިކަމަކީ، ދެ ޤައުމުގެ މެދުގައި އޮތް އެއްބަސްވުންތައް އަވަހަށް ތަންފީޒުކުރުމަށް މެލޭޝިޔާ ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ލިބުނު ބޮޑު ހިތްވަރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.






