






ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު
އިންސާނީ މުޖުތަމަޢެއްގެ ޞުލްޙަވެރިކަމާއި އަމާންކަން ދެމިއޮންނަނީ އެކަކު އަނެކަކުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އިޙްތިރާމް ކުރުމުގެ މަތީގައެވެ. މިގޮތުން، މަގުމައްޗަކީ އެންމެހައި ރައްޔިތުންގެ ޢާންމު ޙައްޤުތަކާ ގުޅިފައިވާ އެންމެ މުހިންމު އެއް ތަނެވެ. މަގުމަތި ބޭނުންކުރުމުގައި އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ، އަދި ޤާނޫނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކޮންމެ ފަރުދެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
މާތްވެގެންވާ އިސްލާމްދީނުގައި މަގުމަތީގެ ޙައްޤުތަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، މަގުމައްޗަށް އޭގެ ޙައްޤު ދިނުމަށެވެ. އޭގެ ތެރޭގައި ކަންކަމަށް ފަރުވާތެރިވެ ބެލުން ތިރިކުރުމާއި، މީހުންނަށް އުނދަގޫވާ ފަދަ ކަންކަމުން ދުރުހެލިވުމާއި، ސަލާމް ރައްދުކުރުމާއި، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން ހިމެނެއެވެ. މީގެއިތުރުން، މަގުމަތީގައިވާ އުނދަގޫދޭ އެއްޗެހި އެއްފަރާތް ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައި އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ.
މަގުމަތީގައި އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ ގޮތުން އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ ދުއްވާ އެއްޗެހި ދުއްވުމުގައި އަނެކުންގެ ސަލާމަތަށް ވިސްނުމެވެ. ބާރު ސްޕީޑުގައި ސައިކަލާއި ކާރު ފަދަ ތަކެތި ދުއްވުމަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި އެހެނިހެން ދުއްވާ އެއްޗެއްސަށް އޮތް ބޮޑު ނުރައްކަލެކެވެ. ޚާއްޞަކޮށް، ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނަށް މަގު ހުރަސްކުރުމުގެ ފުރުޞަތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ހަމައެއާއެކު، ހިނގާފައި އުޅޭ މީހުންނަށް ޚާއްޞަކޮށްފައިވާ ޕޭވްމަންޓްތަކުގައި އެއްޗެހި ބެހެއްޓުމާއި، ސައިކަލު ޕާކުކުރުމަކީ ފައިމަގުގައި އުޅޭ މީހުންގެ ޙައްޤަކަށް އަރައިގަތުމެވެ. މިފަދަ ކަންކަމުގެ ސަބަބުން، ހިނގާ މީހުންނަށް ދުއްވާ އެއްޗެހީގެ ތެރެއަށް ފައިބަން މަޖުބޫރުވެ، އެމީހުންގެ ފުރާނައަށް ނުރައްކާވެގެންދެއެވެ. އަދި މަގުމައްޗަށް ކުނި އެޅުމާއި، ޢާންމުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކުރުމާއި، ގުރޫޕް ހަދައިގެން މަގު ބަންދުވާ ގޮތަށް ތިބުމަކީ ވެސް އެހެން މީހުންގެ ޙައްޤުތައް ގެއްލިގެންދާ ކަންކަމެވެ.
މަގުމައްޗަކީ ހުރިހާ އެންމެންގެ ވެސް އެއްހަމަ ޙައްޤެއް އޮތް ތަނެކެވެ. މަގުމަތީގައި އުޅޭ ކޮންމެ ވަގުތަކު، ތިމާގެ ޢަމަލުތަކުގެ ސަބަބުން އަނެކާއަށް ތަކުލީފެއް ނުވަތަ ގެއްލުމެއް ލިބިދާނެތޯ ވިސްނައި ފިކުރުކުރަންވާނެއެވެ. އެހެން މީހުންގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކާތެރިވެ، މަގުމަތީގެ އަދަބުތައް ހިފެހެއްޓުމަކީ މުޅި މުޖުތަމަޢަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދޭނެ އަގުހުރި ސިފައެކެވެ.


