




.jpg?w=3840&q=75)
.jpeg?w=3840&q=75)
މެޑަމް ސާޖިދާ
ރާއްޖޭގައި ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް، ސިއްޙީ ނަޒަރަކުން އެކަނި ބެލުމުގެ ބަދަލުގައި ދީނީ ނަޒަރަކުންވެސް ކަންކަން ބަލަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ޒުވާނުންނާއި ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ އަދަދުތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ އަދަދުތަކެއްކަމަށް މެޑަމް ފާހަގަކުރެއްވި އެވެ.
"އުމުރުން 15-13 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކުން 1 ކުއްޖެއްގެ ސުސައިޑް ވިސްނުންތައް ހުރޭ. ކޮންމެ 7 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކު އަމިއްލަ ނަފްސަށް އިތުބާރު ނުރެވޭތީ ކުރެވޭފަދަ އިހުސާސްކުރޭ. އުމުރުން 29-15 އަހަރާއި ދެމެދުގެ ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކު ނަފްސާނީ މައްސަލަ ތަހައްމަލު ކުރޭ. މިއީ ދީނީގޮތުންވެސް އިތުރު ބެލުންތަކެއް ބަލަންޖެހޭ ކަމެއް" މެޑަމް ސާޖިދާ ވިދާޅުވި އެވެ.
މީގެއިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ދިރިއުޅުމުގައި ކުރިމަތިވާ ނާއުއްމީދުތަކާއި ދަތި އުނދަގޫތަކާ ކުރިމަތިލާން ދަސްކުރަން ޖެހޭކަމަށާއި، ކަންކަން އަބަދު އެއްގޮތަކަށް ނުހިނގާނެކަން ޤަބޫލުކުރަންވާނެ ކަމަށެވެ. ނަމަވެސް ނަފްސާނީ މައްސަލަތައް ތަހައްމަލުކުރަން ޖެހުމުން ބޭނުންވާ އެހީތެރިކަން ހޯދުމުގައި ފަސްޖެހިގެން ނުވާނެ ކަމަށާއި، އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވައި، ލަސްނުކޮށް ފަރުވާ ހޯދުމަށް އެކަމަނާ އިލްތިމާސްކުރެއްވި އެވެ.
ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ ސަމާލުކަމެއް ދެމުންދާކަންވެސް އެކަމަނާ ފާހަގަކުރެއްވި އެވެ. އެގޮތުން ނަފްސާނީ ބަލީގެ އެކި ހާލަތްތައް ތަހައްމަލުކުރާ ފަރާތްތަކަށް ސިއްޙީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ސަރުކާރުން މިހާރު ދަނީ ގެންނަމުންނެވެ.
ހަމައެއާއެކު ނަފްސާނީ ފަރުވާ ހޯދުން ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި ނޭޝަނަލް މެންޓަލް ހެލްޕްލައިނަކީ އެ ހިދުމަތް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ހާއްސަ މި ހެލްޕްލައިނަށް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 23,000 އަށްވުރެ ގިނަ ކޯލު ކޮށްފައިވެ އެވެ.






