






ސެނަގާލް ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..ޕޮޓޯ: އޭޕީޕީ
މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ކޮންފެޑަރޭޝާން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) އަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު، ސެނަގާލް އިން މެޗު ދޫކޮއްލިކަމަށް ނިމައި މުބާރާތުގެ ޗެމްޕިއަން ޓީމަކީ މޮރޮކޯ ކަމަށް ނިންމި ނިންމުން ބާތިލްކޮށް ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) އިން އެންމެ ފަހުން ބޭއްވި އެފްކޮމްގެ ޗެމްޕިއަން ޓީމަކީ ސެނަގާލް ކަމުގައި ނިންމައިފިއެވެ.
2025 ވަނަ އަހަރު މޮރޮކޯގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި މޮރޮކޯ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ސެނަގާލް އިން ޗެމްޕިއަންކަން ހޯދި، ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިފަހުން މެޗުގެ ރެފްރީ މޮރޮކޯއަށް ދިން ޕެނަލްޓީއަކާއި މެދު ހިތްހަމަނުޖެހި ސެނަގާލްގެ ކޯޗު ވަނީ އެޓީމުގެ ކުޅުންތެރިން ދަނޑުން ބޭލުމަށްފަހު ޗޭންޖިން ރޫމަށް ގެންގޮސްފައެވެ. ނަމަވެސް އެޓީމުގެ ކެޕްޓާން ސަޑިއޯ މަނޭގެ މަސައްކަތުން ގާތްގަޑަކަށް 17 ވަރަކަށް މިނެޓުފަހުން ސެނަގާލްގެ ކުޅުންތެރިން ވަނީ އެނބުރި ދަނޑަށް ނުކުމެފައެވެ.
މެޗުގެ އެންމެ ފަހު ވަގުތު ލީޑު ހޯދުމަށް މޮރޮކޯއަށް ލިބުނު ފުރުސަތުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ބްރަހީމް ޑިއާޒް ފޮނުވާލި ޕެނަންކާ ޕެނަލްޓީ ސެނަގާލްގެ ކީޕަރު މެންޑީ ދިފާއުކުރުމާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ވަނީ ނިމިފައެވެ.އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތު 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ސެނަގާލް އިން ކާމިޔާބުކުރި ލަނޑާއެކު މެޗު ނިމުނުއިރު، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ސެނަގާލްއަށް ސީއޭއެފް އިން ވަނީ މުބާރާތުގެ ތަށި ހަވާލުކޮށްފައެވެ.
ނަމަވެސް މެޗުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ސީއޭއެފްގެ އެޕީލް ކޮމެޓީއިން މައްސަލަ ބެލުމަށްފަހު ފައިނަލް މެޗު ކުޅުނުތާ ދެ މަސް ފަހުން ނިންމީ މުބާރާތުގެ ޤަވާއިދުގެ 82 އަދި 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރެފްރީގެ ހުއްދަ ނެތި ދެޓީމުން ކުރެ އެއްޓީމަކުން މެޗު ކުޅެން ދެކޮޅުހަދައި ދަނޑުފައިބައިފިނަމަ އެއީ މެޗު ދޫކޮށްލުންކަމުގައި ބެލެވިދާނެކަމަށެވެ. އަދި އެކޮމެޓީ އިން ނިންމީ މުބާރާތުގެ ޤަވާއިދުގައި ލިޔެފައިވާ ގޮތުން ސެނަގާލްގެ ކުޅުންތެރިން ދަނޑުން ފޭބި ހިސާބުން އެޓީމުން މެޗު ދޫކޮށްލިކަމަށް ކަނޑައަޅައި 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވިކަމަށް ނިންމާފައެވެ. އަދި މުބާރާތުގެ ތަށި މޮރޮކޯއާއި ހަވާލުކުރުމަށް ސީއޭއެފް އިން ވަނީ ސެނަގާލްއަށް އަންގާފައެވެ.
ނަމަވެސް ސީއޭއެފްގެ ނިންމުން ގަބޫލުނުކޮށް ސެނަގާލް އިން ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކޯޓުން ނިންމީ މުބާރާތުގެ ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ފީފާގެ ގަވާއިދު ބުނާގޮތުން މެޗެއްގައި ރެފްރީއަށް ނިންމުނު ގޯސް ނިންމުމަކާއި ގުޅިގެން މެޗު ނިމުމަށްފަހު، އެމެޗެއްގެ ނަތީޖާއަށް ބަދަލު ނުގެނެވޭނެކަމަށާއި ދަނޑުމަތީގައި ކުޅެގެން ނެރުނު ނަތީޖާއަށް ބަލައި މުބާރާތުގެ ޗެމްޕއަން ޓީމަކީ ސެނަގާލް ކަމުގައި ކަޑައަޅާކަމަށެވެ.







