



%20(3).jpeg?w=3840&q=75)



-
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ބިންތައް ފޭރިގަތުމުގެ އިސްތިޢުމާރީ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔޭގައި އަޑުއުފުލަން ގިނަ ބަޔަކު ފަސްޖެހޭ ދަނޑިވަޅެއްގައި، ފަލަސްޠީނުގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ހިތްވަރަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކަށްފަހު ދެއްވި ގުޅިފައިވާ ޕްރެސް ސްޓޭޓްމަންޓުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ރާއްޖެއާއި މެލޭޝިޔާގެ ޚާރިޖީ ސިޔާސަތު ގާތްގަނޑަކަށް އެއްގޮތް ކަމަށާއި، ދެ ޤައުމުގެ ހިތާ އެންމެ ބޮޑަށް ގުޅިފައިވަނީ ފަލަސްޠީނުގެ މައްސަލަ ކަމަށެވެ. އެގޮތުން ޣައްޒާގައި ކޮންމެ ދުވަހަކު ކުށެއްނެތް އާންމުން މަރައި، ހިންގަމުންދާ ބޮޑެތި ވީރާނާކުރުންތަކަކީ އެއްވެސް އަޚްލާޤީ މިންގަނޑެއް އަދި އިންސާފެއް ނެތް ޢަމަލުތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާ ފަރާތްތަކުން ޣައްޒާގެ ޤަތުލުޢާއްމަށް ލޯމަރާލައި، އެކަންކަން ބަލައިގަންނަމުންދާ ދިއުމަށް ބޮޑުވަޒީރު އަންވަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިސްތިޢުމާރާ ދެކޮޅަށް ދުނިޔޭގެ އެންމެންވެސް ތެދުވި ނަމަވެސް، ފަލަސްޠީނުގެ ބިންތައް އިސްރާއީލުން އިސްތިޢުމާރުކޮށް ހިފަމުންދާ ދިއުމާ ދެކޮޅަށް ސާބިތުކަމާއެކު އަޑުއުފުލަން ތައްޔާރަށް ތިބީ މަދު ބަޔެކެވެ.
ފަލަސްޠީނުގެ ޙައްޤުގައި ދިވެހި ސަރުކާރުންނާއި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ޝުކުރު އަދާކުރައްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރައީސް މުޢިއްޒަކީ އިންސާފާއި ޟަމީރުގެ އަޑު ރަމްޒުކޮށްދެއްވާ، އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ޙަޤީޤީ ދިފާޢީ ބާރެއް ކަމަށެވެ.
މީގެއިތުރުން، ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ދެ ޤައުމުގެ އިޙްސާސްތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ޢަދުލުއިންސާފާއި މިނިވަންކަމުގެ މައްސަލައަކަށްވާތީ، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއާއި މެލޭޝިޔާއިން އަބަދުވެސް އެންމެ ފުރިހަމައަށް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ދެއްވާފައެވެ.






