




.jpg?w=3840&q=75)
.jpeg?w=3840&q=75)

މާލޭގައި ހިންގާ އޮފީހަކުން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) ކަމަށެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރެއިން ނާޡިމް މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުުމުގެ ތެރެއިން 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ފުލުހުން ހޯދާފައިވާކަމަށް ފުލުހުން ފާހަގަކުރި އެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާކަން ހާމަވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ޞަބާޙް (42އ) 30 ދުވަހަށް އަދި ނަޝާޔާ (32އ) 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.







