-
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަން އަވަހަށް ނިންމުމަށްޓަކައި "ޖޮއިންޓް ކޮމިޝަން" ގެ ބައްދަލުވުން މިއަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ހޯސްޓްކުރުމަށް މެލޭޝިޔާއިން ހުށަހަޅައިފިއެވެ.
މިކަން ހާމަކުރެއްވީ ރާއްޖެއަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އަބަދުވެސް ބިނާވާންވާނީ އެއް ޤައުމު އަނެއް ޤައުމުގެ ބޭނުންތަކާއި ބާރުތައް އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، ޒާތީ ގޮތުންނާއި ދަޢުލަތުގެ ފެންވަރުގައި ދެވޭ އިޙްތިރާމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ރައީސް ޑރ. މުޢިއްޒު މި ގުޅުމަށް ބަހައްޓަވާ ޚާއްޞަ ޝައުޤުވެރިކަމާއި ކޮމިޓްމަންޓް ފެނިވަޑައިގަތުމުން، ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެމަނިކުފާނު އަމިއްލަފުޅަށް ހުށަހެޅުއްވި ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މެލޭޝިޔާގައި ހުންނަ ގިނަ ޤައުމުތަކުގެ އެމްބަސީތައް ޕުޓްރަޖާޔާއަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖޭގެ އެމްބަސީއާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައްވެސް މި ޖޮއިންޓް ކޮމިޝަންގެ ތެރެއިން ފުރިހަމައަށް ހަމަޖެހިގެންދާނެ ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ބާއްވާ މި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން ވެގެންދާނީ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު މުހިންމު ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް އަވަސްކޮށްދޭނެ ވަރަށް ބޮޑު ބާރަކަށެވެ.








%20(3).jpeg?w=3840&q=75)




