






މެޗުގެ ރެފްރީ ޔޯރޯއަށް ރަތްކާޑު ދައްކަނީ..ފޮޓޯ: އޭޕީޕީ
އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުގެ ޑިފެންޑަރު ލެނީ ޔޯރޯއަށް ދެއްކި ރަތްކާޑަކީ ގޯސް ނިންމުމެއްކަމަށް ނިންމައި އެކާޑާއި ގުޅިގެން އައި ޔޯރޯގެ އެއްމެޗުގެ ސަސްޕެންޝަން އިނގިރޭސި އެފްއޭ އިން މާފުކޮށްފިއެވެ.
ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލް އާއި ދެކޮޅަށް ޔުނައިޓެޑް ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޔޯރޯ ކުރި ފައުލާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލި އިރު، މެޗުގެ ބާކީބައި ޔުނައިޓެޑުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
މީގެ އިތުރުން މިފައުލާއި ގުޅިގެން ލިބުނު ހިލޭޖެހުމުގައި ލިވަޕޫލްގެ ޑޮމިނިކް ސްބޮސްލާއި ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ލިވަޕޫލްގެ ވްރިޓްޒް އެޓީމުގެ ލީޑު ފުޅާކުރިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން 21 ޕޮއިންޓް ހަމަކޮށް ލިވަޕޫލުން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލިއިރު، މިމެޗުން ބަލިވި ޔުނައިޓެޑް ލީގުގައި ކުޅުނު 11 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ. އަދި މިމެޗަކީ ޔުނައިޓެޑް ގެ ކޯޗުކަމާއި ދާދިފަހުން ހަވާލުވި އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މައުރީސިއޯ ޕޮޗެއްޓީނޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ.
މެޗަށް ފަހު ޔޯރޯއަށް ދެއްކި ރަތްކާޑާއި މެދު ހިތްހަމަނުޖެހި އެޓީމުން އެޕީލްކުރުމުން، އެމައްސަލަ ބެލުމަށްފަހު އެފްއޭ އިން ވަނީ ޔޯރޯއަށް ދެއްކި ރަތްކާޑަކީ ގޯސް ކާޑެއްކަމަށް ނިންމައި އެކާޑާއި ގުޅިގެން އައި އެއްމެޗުގެ ސަސްޕެންޝާން އުވާލާފައެވެ. މިއާއެކު ލީގުގައި މިމަހުގެ 28 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާއި ދެކޮޅަށް އެޓީމު ކުޅޭމެޗުގައި ކުޅުމުގެ ފުރުސަތު ޔޯރޯއަށް ވަނީ ލިބިފައެވެ.







