




.jpg?w=3840&q=75)
.jpeg?w=3840&q=75)

59.7 ބިލިއަން ރުފިޔާގެ ބެޖެޓު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި59.7 ބިލިއަން ރުފިޔާގެ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅިގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ތާއީދާ އެކުގައެވެ.
ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުންނެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓާ ގުޅިގެން އެމްޑީޕީން ޖުމްލަ 23 އިސްލާހެއް ހުށަހެޅިއެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދާ ތަޢާރުޒުނުވާ ކަމަށް ރިޔާސަތުން ބަލައިގެންފައިވަނީ ހަތް އިސްލާހެކެވެ. ޕީއެންސީގެ ސުޕަރމެޖޯރިޓީ ބޭނުންކޮށް، އެ ހަތް އިސްލާހުން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.
ފާސްވި ބަޖެޓުގައި ޖުމްލަ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ ގާތްގަނޑަކަށް %71.5 ހާއްސަކޮށްފައިވަނީ ރިކަރެންޓް ޚަރަދަށެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި9.8ބިލިއަން ރުފިޔާ ލަފާކޮށްފައިވެއެވެ.
އާމްދަނީއާއި ހިލޭ އެހީން ދައުލަތަށް43.2ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާ އިރު، މިއީ ހިނގާ އަހަރާ އަޅައިބަލާއިރު1.4ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީގެ ގާތްގަނޑަކަށް%77ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. ޓެކުހުން33.6ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.



