
ދެހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގެ ކޮޗިނުން ފުރައިގެން ރާއްޖެ އައި "ކޯޑެލިއާ އެމްޕްރެސް" ނަމަކަށް ކިޔާ މި ބޯޓުގައި 1،500 އަށްވުރެ ގިނަ ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން ޖުމްލަ 2،100 އަށްވުރެ ގިނަ މީހުން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖޭގައި އެއް ދުވަހުގެ މަޑުކުރުމަކަށްފަހު މާދަމާގެ ވަގުތެއްގައި މި ބޯޓު ފުރުމަށް ހަމަޖެހިފައިވާއިރު، ދެން މިސްރާބު ޖަހާނީ ސްރީލަންކާގެ ކޮލަމްބޯއަށެވެ. މި ކްރޫޒްލައިން ސީޒަނުގައި ކޯޑެލިއާ އެމްޕްރެސް އިން ރާއްޖެއަށް އިތުރު 14 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ކޯޑެލިއާ އެމްޕްރެސް ފުރުމަށްފަހު ދެން އެންމެ އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ "މެއިން ޝިފް 6" ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ. އެ ބޯޓު އައުމަށް ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.
ކްރޫޒް ލައިނާތަކުގެ ޖަމިއްޔާ "މާޔާ” އިން ބުނެފައިވަނީ މި މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުގެ 34 ދަތުރު ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެވެ. އެގޮތުން މި ބޯޓުތަކުން އަންނަ ފަތުރުވެރިން މާލެއަށް ފައިބައި، ވެރިރަށުގެ ތާރީޚީ ބިނާތަކާއި ބާޒާރުމަތީގެ ފިހާރަތަކަށް ޒިޔާރާތްކުރާތީ، މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޓެކްސީ ޑްރައިވަރުންނާއި ލޯކަލް ގައިޑުންނަށްވެސް މަންފާ ކުރާނެ ކަމެކެވެ.









